Editor's Vids

ފެބްރުއަރީ 6،7،8 ގެ ހާދިސާތަކާއި މެދު އެކަށީގެންވާ ބާރު މިނެއްގައި ފިޔަވަޅު އެޅިފައެއް ނުވޭ

ވޭތުވެ ދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ހިނގާ ދިޔަ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި މެދު އަހަރު ނިމިގެން ދިޔަ އިރު ވެސް ދައުލަތުގެ ކަމާށ ބެހޭ ފަރާތްތަކުން އެކަށިގެންވާ ފިޔަވަޅު އެޅިފައި ނުވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ. އެޗްއާރުސީއެމުން މިހެން ބުނެފައިވަނީ އެކޮމިޝަނުން ނެރެފައިވާ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފެބްރުއަރީ ހައެއް، ހަތެއް އަދި އަށް ވަނަ ދުވަހުގެ ހާދިސާތަކާއި ގުޅިގެން އެކޮމިޝަނުން ތިން ރިޕޯޓެއްވަނީ ނެރެފައެވެ. އަދި އެރިޕޯޓުގައި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައިވާ ކަންތައްތައް ކުރިއަށް ގެންދާ މިންވަރު މޮނިޓަރ ކުރެވުނު ކަމަށާއި އެދެވޭ އަވަސް މިނެއްގައި ކަންތައްތަކާއި މެދު ފިޔަވަޅު އެޅިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާ ރޫޅާލާ ވަކި ވަކި ފަރާތްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށާއި ކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާ ކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ. އަދި ފެބްރުއަރީ އަށް ވަނަ ދުވަހު ދައުލަތުގެ ބައެއް އިދާރާތަކަށް ގެއްލުންދީ ހުޅުޖެހުމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތަކަށް އުނިކަން ލިބިފައިވާ ކަމަށާއި ފުލުހުންނަށް ވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ލިބިފައިވާ ކަން ފާހަގަކޮށްފައިވެއެވެ. ހަމައެއާއި އެކު އެދުވަހުގެ ހާދިސާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތްތަކަށް ލާއިންސާނީ އަނިޔާވެރި އަމަލު ހިންގާފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ވޭތުވެ ދިޔަ 2012 ވަނަ އަހަރު އެޗްއާރުސީއެމުން ފާހަގަކޮށްފައިވަނީ އިންސާނިއްޔަތާއި ހިލާފު ބޮޑެތި ޖަރީމާތަކެއް ހިންގި އަހަރެއްގެ ގޮތުގައެވެ. އެގޮތުން ރަހުމު ކުޑަ ހަމަލާތަކެއްގައި 12 މީހެއްގެ ފުރާނަ ދުއްވާލާފައިވާ އިރު ކުޑަކުދިންނާއި ބަދު އަހުލާގީ އަމަލު ހިންގުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުން ފަދަ އަމަލުތައް އިތުރުވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

Related News

No comments:

Leave a Reply