ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ އަބުދުﷲ ޔާމީނަށް ރިޔާސީ
ޕްރައިމަރީގައި ޓިކެޓުދީފި ނަމަ ޕީޕީއެމުން ކުޅެންޖެހޭނީ ޑިފެންސަށް
ކަމަށާއި ނަމަވެސް އުމަރު ނަސީރަށް ޓިކެޓު ދީފިނަމަ ކުރިއަށް ކުޅެ އެމްޑީޕީ
ބަލި ކުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު
ވިދާޅުވީ ޔާމީނުގެ ޔަގީން ޓީމުގެ 80 އިންސައްތަ މަސައްކަތަކީ ޔާމީން ދިފާއު
ކުރުން ކަމަށެވެ. ނަމަވެސް އުމަރު ދިފާއު ކުރަން ޖެހޭ އެއްވެސް ކަމެއް
ނޯންނާނެ ކަމަށާއި އޭނާއަށް ޓިކެޓު ދީފި ނަމަ ޕީޕީއެމްގެ 30000
މެމްބަރުންނާއެކު އަރާ އެމްޑީޕީ ބަލި ކުރާނެ ކަމަށެވެ. މިރޭގެ ޖަލްސާގައި މީގެ ކުރިން ދީފައި ނުވާ ވަރަށް އުމަރުގެ ޓީމުން ޔާމީނަށް ބަހުގެ ހަމަލާތައް ދީފައިވެއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޔާމިނަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅަށް ވުމަކީ އޭނާއަށް ވޯޓުދޭން ޖެހޭ ސަބަބެއް ނޫން ކަމަށާއި ނަމަވެސް އެއީ އެޑްވާންޓޭޖެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ރައީސް މައުމޫނަށް ކުރާ އިތުބާރު ޔާމީނަށް ނުކުރެވޭނެ ކަމަށާއި ރައީސް މައުމޫނަށް ކުރާ ވަރަށް ނުކުރެވުނު ނަމަވެސް އެއިތުބާރު އުމަރަށް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އުމަރަށް ޓިކެޓު ލިބިއްޖެ ނަމަ އެހެން މީހަކަށް ޓިކެޓު ވިއްކާލާނެ ކަމަށް ބުނެ ޕީޕީއެމްގެ އާއްމު މެމްބަރުންނަށް ވަގު ނަންބަރުތަކުން މެސެޖު ފޮނުވަމުންދާ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން ހައްދަވާނެ ކަމަށާއި އެކަން ކުރައްވާނީ ޕީޕީއެމްގެ މެމްބަރުންނަށްޓަކާ ކަމަށް އުމަރު ވިދާޅުވިއެވެ.

No comments: